ނިމިދިޔަ 2025ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޖުމްލަ 8.28 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 7 އިންސައްތައިގެ ކުރިއެރުމެކެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިިމިޓެޑް (އެމްއޭސީއެލް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިިދިޔަ އަހަރު ވީއައިއޭއިން ޚިދުމަތް ފޯރުކޮށްދިން ފަސިންޖަރުންގެ ތެރެއިން 5.38 މިލިޔަން ފަސިންޖަރުންނަކީ ބައިނަލްއަޤުވާމީ ދަތުރުވެރިންނެވެ. މީގެ އިތުރުން، ޑޮމެސްޓިކް ދަތުރުވެރިންގެ އަދަދު 1.17 މިލިޔަނަށް އަރާފައިވާއިރު، ދުނިޔޭގެ އެންމެ ބާރުބޮޑު ސީޕްލޭން ނެޓްވޯކް މެދުވެރިކޮށް 1.73 މިލިޔަން ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ.
މިިދިޔަ އަހަރު ވީއައިއޭއިން ވަނީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ރެކޯޑްތަކެއްވެސް އާކޮށްފައެވެ. އެގޮތުން، 28 ޑިސެންބަރު 2024 ގައި 27,381 ފަސިންޖަރުން ޓާމިނަލް ބޭނުންކޮށްފައިވާއިރު، މިއީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި ދުވަހެވެ. ސީޕްލޭން އޮޕަރޭޝަންތަކަށް ބަލާއިރު، އެންމެ ބާރުބޮޑުވި 16 ފެބްރުއަރީ 2025 ގައި އެކަނިވެސް 7,439 ފަސިންޖަރުންނަށް ވަނީ ޚިދުމަތް ދީފައެވެ.
ވައިގެ ދަތުރުފަތުރުގެ ހަރަކާތްތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޖުމްލަ 249,214 އެއާޓްރެފިކް މޫވްމަންޓްސް (އޭޓީއެމް) ރެކޯޑް ކުރެވިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިމެނެނީ 34,868 ބައިނަލްއަގުވާމީ ދަތުރު، 28,348 ޑޮމެސްޓިކް ދަތުރު، އަދި 185,998 ސީޕްލޭން ދަތުރުތަކެވެ.
އެމްއޭސީއެލުން ވިދާޅުވީ، މި ކުރިއެރުމަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމާއި، ރަށްރަށުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވުމުގެ ސަބަބުން އައި ކުރިއެރުމެއް ކަމަށެވެ. "ފަސިންޖަރުންނާއި ފްލައިޓްތަކުގެ އަދަދު މިގޮތަށް އިތުރުވަމުން ދިއުމަކީ ވީއައިއޭގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް،" އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
އެއާޕޯޓުގެ އިންފްރާސްޓްރަކްޗާ ތަރައްޤީކުރުމުގެ މަސައްކަތްތަކާއެކު، ކުރިއަށް އޮތް އަހަރުތަކުގައި މި އަދަދުތައް އިތުރަށް މަތިވާނެކަމަށް އެމްއޭސީއެލްއިން އުންމީދު ކުރެއެވެ.

