ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަތަނީ ޚިދުމަތް) ގެ ދެވަނަ ބުރުގައި ބައިވެރިވާ 350 ދަރިވަރުން، އެކަމަށް ބޭނުންވާ ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި މިއަދު ޅ. މާފިލާފުއްޓަށް ފުރައިފިއެވެ. މި ތަމްރީނުތައް ކުރިއަށްދާނީ މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ.
ދިފާއީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ މި ބުރުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 350 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މި ބައިވެރިން މާފިލާފުށީގައި ތިން މަސް ދުވަހުގެ މުއްދަތަށް ތަމްރީނުތައް ފުރިހަމަކުރާނެއެވެ.
މި ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ އާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މުހިންމު މަޝްރޫއެކެވެ. ޚާއްޞަކޮށް ސްކޫލް ނިންމުމަށްފަހު މަތީ ތައުލީމާއި މަސައްކަތުގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، އަޚްލާޤީ ގޮތުން ހަރުދަނާ ބަޔަކަށް ހެދުމަކީ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދެވެ.
މި ތަމްރީނު ޕްރޮގްރާމުގެ ތެރޭގައި ދިވެހި ގައުމިއްޔަތު، ދީނީ ތަރުބިއްޔަތު، ލީޑަރޝިޕް، ފަސްޓްއެއިޑް، ފަޔަރފައިޓިންގ، ފެތުމާއި މޫދަށް އަހުލުވެރިވުން ފަދަ ގިނަ ދާއިރާތަކަކުން ތަމްރީނު ދެވޭނެއެވެ. މީގެ އިތުރުން ހަށިހެޔޮކަމާއި ކުޅިވަރުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.
ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް އެކި ދާއިރާތަކުން ސަނަދުތައް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި:
- ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް
- ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް
- ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ސެޓްފިކެޓް
- ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް
މި ޕްރޮގްރާމުގެ ފުރަތަމަ ބުރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު، އެ ބުރުގައި 344 ދަރިވަރުން ވަނީ ކާމިޔާބީއާއެކު ދަސްވެނިވެފައެވެ. އޭގެ ތެރެއިން 66 ދަރިވަރަކު މިހާރު ވަނީ ފަންނީ ތަމްރީނުތަކުގައި ބައިވެރިވާން ނިންމާފައެވެ.

