މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ ޕްރޮގްރާމްތަކެއް ރާވާފައިވާކަން އެ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުވެސް މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދާނެ ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. މީގެ ތެރޭގައި ޢާއްމުންނަށް ސީދާ ބައިވެރިވެވޭ ގޮތަށް ހިންގާ ޕްރޮގްރާމްތަކާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތައް ހިމެނެއެވެ.
ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހިންގާ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އިޙްޔާ ފޯރަމްތަކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަޢުވާ އެންޑް ގައިޑެންސް ސެކްޝަންގެ އަޙްމަދު ރައްސާމް ވިދާޅުވި ގޮތުގައި، މިއަހަރު އެހެން އަހަރުތަކަށްވުރެ ގިނަ ރަށްރަށުގައި މި ފޯރަމްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 8 ފޯރަމް ބާއްވާއިރު، އަތޮޅުތަކުގެ އެކި ސިޓީތަކާއި ރަށްރަށުގައި 11 ފޯރަމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
“އެހެން އަހަރުތަކަށްވުރެ ގިނަ އިޚްޔާ ފޯރަމް މި އަހަރު ބާއްވާނެ. ކައުންސިލްތަކުން އަދި ޖަމިއްޔާތަކުންވެސް އެދޭ، އެފަރާތްތަކާ ގުޅިގެން މި ގެންދަނީ. ވަރަށް ގިނަ ފަރާތްތަކުން މިފަހަރު ފޯރަމް ބާއްވަން ރިކުއެސްޓްކުރި،” ރައްސާމް ވިދާޅުވިއެވެ.
އިޙްޔާ ފޯރަމްތަކަކީ އެކި ދީނީ މަޢުޟޫތަކަށް ދަރުސް ދިނުމާއި، އާއްމުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން، ދީނީ ފޮތްތަކާއި އިނާމުތައްވެސް ހަދިޔާކުރާ ފޯރަމްތަކެކެވެ.
މީގެ އިތުރުން މިއަހަރު އަލަށް ތައާރަފްކުރާ ކަންތައްތަކުގެ ތެރޭގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ސުވާލުތަކަށް ޖަވާބު ދޭނެ ވީޑިއޯ ކޮންޓެންޓްތައް އުފެއްދުން ހިމެނެއެވެ. މިއީ ދީނީ ކަންކަމުގައި އާއްމުންނަށް އޮޅުންއަރާ ކަންކަން ފަސޭހައިން އޮޅުންފިލުވައިދިނުމަށް ކުރާ މަސައްކަތެކެވެ.
އަދި މުއައްސަސާތަކާއި ޖަމިއްޔާތަކުގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން، ރަމަޟާން މަހުގެ ވަގުތުތައް އެންމެ ހެޔޮގޮތުގައި ހޭދަކުރުމާ ގުޅޭ ސެޝަންތަކެއްވެސް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ “މަރުޚަބާ ރަމަޟާން” ހަވީރަކާއި، މާލޭގައި ބާއްވާ ބޮޑު ދީނީ ދަރުހެއްވެސް މިއަހަރުގެ ރަމަޟާން މަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ.

