ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ކުރިއަށްއޮތް ބަރަކާތްތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ބެހުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ. މި އިންތިޒާމުގެ ދަށުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިރެއިން ފެށިގެން ކުރިއަށްދާނެއެވެ.
ސަރުކާރުން ނިންމާފައިވަނީ ކުރީ އަހަރެކޭ އެއްފަދައިން ކޮންމެ ދިވެހި ގޭބިސީއަކަށް 48 ދަޅު ހިމެނޭ މަސްދަޅު ކޭހެއް ހަދިޔާކުރުމަށެވެ. މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. މި މަސައްކަތް އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މަސްދަޅު ދޫކުރާނެ މަރުކަޒުތައް
މާލެ ސަރަޙައްދުގެ ޖުމްލަ 15 މަރުކަޒަކުން މަސްދަޅު ދޫކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- މާލޭގައި: މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯވިލު، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުގެ 4 ސަރަހައްދެއް.
- ހުޅުމާލެ ފޭސް 1: ޢުމަރު ޒާހިރު ބިލްޑިންގ، ޕޮލްކޯ ޓަވަރު، މުޙައްމަދު ޤާސިމް ޕްރީ ސްކޫލް.
- ހުޅުމާލެ ފޭސް 2: ކާމިލުދީދީ ސްކޫލް، ހިޔާޓަވަރު 10، އެމްޕީއެލް ޓަވަރު ޕީ.
- ވިލިމާލެ: ވެމްކޯ ސައިޓް.
މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަން ލިބެމުންދެއެވެ. އެގޮތުން އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯއިން އަމަލީ ގޮތުން ބައިވެރިވާއިރު، މަރުކަޒުތައް ގާއިމުކުރުމުގައި ކޮންސްޓްރަކްޝަން، ސްޕޯޓްސް އަދި އެޑިއުކޭޝަން މިނިސްޓްރީގެ އެއްބާރުލުން ވަނީ ލިބިފައެވެ.
މަސްދަޅު ކޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ޝަކުވާއެއް އޮތްނަމަ، އެކަމަށް ޚާއްޞަކޮށްފައިވާ ވަޓްސްއަޕް ނަންބަރު 7741446 އަށް މެސެޖު ކުރެއްވުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ. ބުރާސްފަތި ދުވަހުން ފެށިގެން ޓޯކަން ރަޖިސްޓްރޭޝަނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

