ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ގެ ބައެއް މަގުތައް ވަރަށް އަވަހަށް ވަންވޭ ކުރާނެ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވެއްޖެއެވެ.
"ހުވަދޫ ނިއުސް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސައުދު ވިދާޅުވީ ރަށުގެ މަގުތައް ވަންވޭ ކުރުމުގެ ވިސްނުމަކީ އަބަދުވެސް ގެންގުޅުއްވާ ތަސައްވުރެއް ކަމަށާއި އެގޮތުން ފުރަތަމަ ރަށުގެ ބަނދަރު މަތީގެ ބައެއް މަގުތަކަށް އެ ބަދަލު ގެންނަން ވިސްނާފައިވާ ކަމަށެވެ.
"އަޅުގަނޑު ނިންމާފައި ވަނީ ތިނަދޫ އެމްޑީޕީ ހަރުގެއިން ފަށިގެން ގޮސް ބޭންކް އޮފް މޯލްޑިވްސް ސަރަހައްދުން ވަށާލާ، ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންއައިސް ބަނދަރު މަގަށް ނުކުމެވޭ ހިސާބު އަދި އެސްޓީއޯ ކުރިމަތިން ގޮސް ފެރީގިމަތަ މަގާ ގުޅިފައިވާ މަގުތައް ވަންވޭ ކުރުމަށް " – ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ
ސައުދު އިތުރަށް ވިދާޅުވީ އެ މަގުތައް ވަންވޭ މަގުތަކަށް ބަދަލު ކުރަން ބޭނުންވަނީ އެކްސިޑެންޓް ތަކުން ރައްކާތެރި ވުމަށާއި ތިނަދޫ ގެ ބަނދަރަކީ ބައެއް ވަގުތު ތަކުގައި އަތޮޅު ތެރެއިން ގިނަ ބަޔަކު އެއްވަގުތަކާ އައިސް ޖަމާވެ ހަލަބޮލިވާ ތަނަކަށް ވާތީކަމަށެވެ. މީގެ އިތުރުން ސައުދު ވިދާޅުވީ ކޯވިޑް-19 ގެ ލޮކްޑައުން އިން އަރައިގަނެވުނުހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ކަންކަން ފަށާނެކަމަށެވެ.

