ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ދާއިރާތަކަށް ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނާ ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓްލޭޑީ ވަނީ ކެންޑިޑޭޓުންގެ ކެމްޕެއިން މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވާފަ އެވެ. އަދި އިންތިޚާބުގައި ވާދަކުރައްވާ އަންހެން ކެންޑިޑޭޓުންނަށް ހިތްވަރު ދެއްވައި، ސިޔާސީ މަސައްކަތުގައި ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ކުރިއަށް ދިއުމަށް އެކަމަނާ އެދިވަޑައިގެންނެވި އެވެ.
ސިޔާސީ މައިދާނާއި ޤައުމީ ޚިދުމަތުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވަމުން، އިންތިޚާބީ މަޤާމުތަކަށް އަންހެނުން ނިކުންނަ މިންވަރު އިތުރުކުރުމަކީ ކޮންގްރެސް ޕާޓީގެ ރައީސް، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް މާލެއާއި އަތޮޅުތަކުގައި މިހާރު ވަނީ ވަރަށް ފޯރީގައި ފަށާފަ އެވެ.

