އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭގޮތުން ކުރިއަށްދާ ބަހުސްތައް މެދުކަނޑާލުމަށް އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ. މި މައްސަލައާ ގުޅޭ ބިލެއް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ހުށަހަޅާފައިވަނިކޮށް، ބައިނަލްއަގުވާމީ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އެ ބިލުގެ ބަހުސްތައް މިހާރު ވަނީ މަޑުޖައްސާލާފައެވެ.
ބިލު އަނބުރާ ގެންދިއުމާއި އުފެދިފައިވާ ކަންބޮޑުވުންތައް
އިނގިރޭސި ސަރުކާރުން މި ބިލު އަނބުރާ ގެންދިއުމަށް ނިންމީ، ހައުސް އޮފް ލޯޑްސްގެ ކޮންސަވޭޓިވްސް ޕާޓީގެ މެންބަރުން އެކަމަށް ގޮވާލެއްވުމާ ގުޅިގެންނެވެ. މި ބިލުގައި ބުނެފައިވަނީ ޗާގޯސްގެ އެހެން ރަށްތައް މޮރިޝަސްއާ ހަވާލުކުރި ނަމަވެސް، ޑިއޭގޯ ގަރސިއާ އަހަރަކު 101 މިލިޔަން ޕައުންޑުގެ ކުއްޔަކަށް 99 އަހަރުގެ މުއްދަތަށް އިނގިރޭސިވިލާތަށް ދިނުމަށެވެ.
ނަމަވެސް މި ބިލާ ދެކޮޅު ހަދާ ފަރާތްތަކުން ބުނާ ގޮތުގައި، މި ބިލު ފާސްވެއްޖެނަމަ 1966 ވަނަ އަހަރު އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވާނެއެވެ. އެ އެއްބަސްވުމުގެ ދަށުން ޑިއޭގޯ ގަރސިއާގައި ދެ ޤައުމުގެ ގުޅިފައިވާ މިލިޓަރީ ބޭސްއެއް ވަނީ ގާއިމުކޮށްފައެވެ.
ރާއްޖޭގެ ރަސްމީ ސްޓޭންޑް: ޗާގޯސްގެ ޙައްގުވެރިއަކީ ރާއްޖެ
ޗާގޯސް މައްސަލައިގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އެ ރަށްތައް ލިބުން އެންމެ ޙައްގު ޤައުމަކީ ރާއްޖެ ކަމަށެވެ. އިނގިރޭސިވިލާތުގެ “އެކްސްޕްރެސް” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޖިއޮގްރަފީ ގޮތުންނާއި ތާރީޚީ ގޮތުން ބެލިކަމުގައިވިޔަސް މޮރިޝަސްއަށްވުރެ ބޮޑަށް އެ ސަރަޙައްދުގެ ޙައްގު ރާއްޖެއަށް ބޮޑު ކަމަށެވެ.
“މިހާރު ރާއްޖެއިންވާނީ މިމައްސަލައިގައި ވަކާލާތުކުރާ ކަންކަމާއި ހުރި ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާއި ރަސްމީކޮށް ހިއްސާކޮށްފައި. މިވަގުތަށް މިމައްސަލައާއި ގުޅިގެން އިތުރުކަމެއް ހާމަކުރެވެން ނެތް ރާއްޖެއަށް ޗާގޯސްގެ ޙައްގުކަން ބޮޑުކަމަށް ތަކުރާރުކޮށް ބުނުން ފިޔަވާ،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ތާރީޚީ ގުޅުމާއި ސިޔާސީ ބޭފުޅުންގެ ޚިޔާލު
ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިނގިރޭސިވިލާތުން ބިލު ފަސްކުރުމާ ގުޅިގެން، ޗާގޯސްގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތްކަން ފާހަގަކުރައްވާފައެވެ. ދިވެހިން “ފޯޅަވަހި” ކިޔާ ޗާގޯސްގެ ރަށްތަކަކީ ދިވެހި ރަށްތަކާ އާދަޔާޚިލާފު އެއްގޮތްކަމެއް ހުންނަ، އަދި ދިވެހި ތާރީޚާ ލާމެހިފައިވާ ތަނެކެވެ.
މޮރިޝަސްއަކީ 17 ވަނަ ޤަރުނާ ހަމައަށް މީހުން ވަޒަންވެރިވެފައިވާ ތަނަކަށް ނުވާއިރު، ރާއްޖެއަކީ 4000 އެއްހާ އަހަރުގެ ދިގު ތާރީޚެއް އޮތް، ދައުލަތެއްގެ ގޮތުގައި ދެމިއޮތް ޤައުމެއްކަން ރާއްޖޭގެ ފަރާތުން މި މައްސަލައިގައި ވަކާލާތުކުރާއިރު ފާހަގަކުރެއެވެ. އިނގިރޭސިވިލާތުން ބަހުސްތައް މަޑުޖައްސާލުމަކީ މި މައްސަލައިގައި ރާއްޖެއަށް އާ އުންމީދެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ.

