ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރޯދަ ބާޒާރު ފެސްޓިވަލް" އިން އައު ކެޓަގަރީއެއްގެ ސްޓޯލްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މީގެ ކުރިން ކުރެވުނު އިއުލާންތަކާ ގުޅިގެން އެ ބާޒާރުން މިހާރު އިތުރުކުރެވިފައިވަނީ "މިސެލޭނިއަސް ކެޓަގަރީ" އެއް ކަމަށެވެ. މި ކެޓަގަރީގައި ކާބޯތަކެތީގެ ބާވަތްތައް (އެފް އެންޑް ބީ) ވެސް ހިމެނޭ ގޮތަށް ޖުމްލަ 10 ސްޓޯލް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަލަށް އިތުރުކުރެވުނު މި ކެޓަގަރީގެ 10 ފޫޓް 10 ފޫޓްގެ ސްޓޯލެއްގެ އަގަކީ 5,000 ރުފިޔާއެވެ.
މި ކެޓަގަރީގެ ސްޓޯލްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރޭ 21:00 އިން ފެށިގެން މާދަމާ ރޭގަނޑު 21:00 އާ ހަމައަށެވެ. ސްޓޯލްތަކަށް އެދި ފޯމު ހުށަހަޅަންޖެހެނީ އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަނުގެ ނަމްބަރު 1516 އަށް ގުޅުމަށް އެޗްޑީސީން ވަނީ އެދިފައެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ބާޒާރަކީ ރަމަޟާން މަހަށް ބޭނުންވާ ތަފާތު މުދަލާއި ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ބާއްވާ ބާޒާރެކެވެ. މި ފެސްޓިވަލާ ގުޅޭ އިތުރު މަައުލޫމާތާއި، ފޯމު ހުށަހަޅާނެ ގޮތުގެ ތަފުސީލު އެޗްޑީސީގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.
ރޯދަ ބާޒާރު ފެސްޓިވަލަކީ ކޮންމެ އަހަރަކު ވެސް ހުޅުމާލޭގައި ގިނަ ބައެއްގެ ތަރުހީބު ލިބޭ، އަދި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

