ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ މަޝްރޫޢުގެ 8 ޓަވަރެއްގައި އަލަށް ހަރުކުރި ލިފްޓުތަކުގެ މަސައްކަތް އެއްކޮށް ނިންމާ، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މިއަދު ހުޅުވާލައިފިއެވެ. މިއީ ހިޔާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ.
މިހާތަނަށް މަސައްކަތް ނިމި ބޭނުންކުރަން ފަށާފައިވަނީ ހިޔާ ޓަވަރު އެޗް1، އެޗް2، އެޗް3، އެޗް4، އެޗް5، އެޗް6، އެޗް7 އަދި އެޗް8 އެވެ. މި ޓަވަރުތަކުގައި މިހާރު ވަނީ އަލަށް ހަރުކުރި ލިފްޓުތަކުގެ ޚިދުމަތް ދޭން ފަށާފައެވެ.
ހިޔާގެ ކޮންމެ އިމާރާތެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ކޮންމެ ޓަވަރެއްގައި ބަލި މީހުން އުފުލޭނެ ސްޓްރެޗަރ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ޕަސިންޖަރ ލިފްޓެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 32 ލިފްޓް ހަރުކުރެވޭނެއެވެ.
2024 ވަނަ އަހަރުގެ އޭޕްރީލް މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ސިވިލް އަދި ސްޓްރަކްޗަރގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ މުޅިން ނިމިފައެވެ. ލިފްޓްތައް ބެހެއްޓުމުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މުޅި މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ.
އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، އިތުރު 5 ޓަވަރެއްގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ޓެސްޓިންގ މަސައްކަތްތަކެވެ. އަދި ބާކީ ހުރި ޓަވަރުތަކުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތަކަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕް އާއެވެ. މި މަޝްރޫޢު ނިމުމުން ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިފްޓަށް ކިއު ހަދަންޖެހޭ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

