ކުރިއަށް އޮތް ރަމަޟާންމަހާއި، ހޫނު މޫސުމުގެ ޕީކް ސީޒަނާ ދިމާކޮށް ކަރަންޓުގެ ޚިދުމަތަށް އޮންނަ ޑިމާންޑް ބޮޑުވާނެތީ، ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން އެ ކުންފުނިން ދަނީ ބައެއް ރަށްރަށަށް އައު ޖަނަރޭޓަރު ސެޓުތައް ގެންގޮސް އިންސްޓޯލްކުރަމުންނެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދޭ ގޮތުގައި، ވ. ތިނަދޫއަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މިއާއެކު އެރަށުގެ ޖުމްލަ ކެޕޭސިޓީ ވަނީ 1539 ކިލޯވޮޓަށް އިތުރުވެފައެވެ. އަދި އއ. އަތޮޅުގެ ބައެއް ރަށްރަށަށްވެސް ވަނީ އައު ޖަނަރޭޓަރުތައް ފޮނުވާފައެވެ. އެގޮތުން މަތިވެރިއަށް 600 ކިލޯވޮޓް، އުކުޅަހަށް 1000 ކިލޯވޮޓް އަދި ތޮއްޑޫއަށް 1000 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓުތައް ބަހައްޓައި، އެ ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ޖުމްލަ 15 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ. މީގެ ތެރެއިން ވިލިމާލޭގައި މިހާރު ވަނީ 1200 ކިލޯވޮޓުގެ އައު ޖަނަރޭޓަރެއް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ. މީގެ އިތުރުން ކ. ގުރައިދޫގައިވެސް 1000 ކިލޯވޮޓްގެ ޖަނަރޭޓަރެއް ބަހައްޓައި، އެރަށުގެ ކެޕޭސިޓީ ވަނީ 2960 ކިލޯވޮޓަށް މަތިކޮށްފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓަށް އޮންނަ ޑިމާންޑު އެންމެ ބޮޑުވާ ދުވަސްވަރު ހުއްޓުމެއް ނެތި ޚިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް، މިދިޔަ ޑިސެންބަރު މަހުން ފެށިގެން އައު ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޚާއްޞަކޮށް ރަމަޟާން މަހަކީ އާންމު މަސްމަހަށްވުރެ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު މަހަކަށް ވުމުން، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގައި ކޮންމެ އަހަރެއްގެވެސް މާޗު މަހުން ފެށިގެން ޖޫން މަހާ ހަމައަށް ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އާދަޔާ ޚިލާފަށް އިތުރުވެއެވެ. މިއަހަރުގެ އެ ދުވަސްވަރާ ރަމަޟާން މަސް ދިމާވާތީ، ކަރަންޓަށް އޮންނަ ޑިމާންޑު އިތުރަށް ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ.

