ޏ. ފުވައްމުލަކުގައި ގާއިމުކުރާ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްގެ އަމަލީ މަސައްކަތުގެ ތެރެއިން، ކޮންކްރީޓް ފުޓިން އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ފުވައްމުލަކުގައި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ފުލުހުންގެ މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރު އެ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެކޮމޮޑޭޝަން ބްލޮކްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ފުވައްމުލަކު ސިޓީގެ ތިން ދާއިރާ ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ގިނަ ރަށްތަކެއްގައި ފުލުހުންގެ މަރުކަޒުތަކާއި އެކޮމޮޑޭޝަން ބްލޮކްތައް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއު ނިމުމުން ފުވައްމުލަކުގައި މަސައްކަތްކުރާ ފުލުހުންގެ ތިބުމުގެ އިންތިޒާމުތަކަށް ބޮޑު ލުޔެއް ލިބި، ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

