ގދ. ގައްދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީ އިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބިން ކޮނުމުގެ މަސައްކަތާއި، ފައުންޑޭޝަން ފޫޓިން ފޯމްވޯކް އެޅުމުގެ އިތުރުން ރިއިންފޯސްމަންޓްގެ މަސައްކަތްތަކެވެ. މި މަސައްކަތްތަކަކީ އިމާރާތުގެ ބިންގާ އެޅުމުގެ މުހިންމު މަރުހަލާތަކެކެވެ.
މި މަޝްރޫއުގެ ދަށުން 18,613 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ ޢިމާރާތެއްގައި 30 އެނދުގެ ސިއްހީ ހިދުމަތްދޭ ބްލޮކެއް ގާއިމުކުރެވޭނެއެވެ. މީގެ އިތުރުން، 2,563 އަކަފޫޓުގެ ސަރަހައްދެއްގައި އެއް ފަންގިފިލާގެ އެހެނިހެން ހިދުމަތްދޭ ބްލޮކަކާއި، 3,573 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހަދަން ވެސް ވަނީ ހަމަޖެހިފައެވެ.
ޖުމްލަ 101.70 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 600 ދުވަސްތެރޭ ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
ގައްދޫގައި މިހާރު ހުންނަނީ ސިއްހީ މަރުކަޒެކެވެ. އައު ހޮސްޕިޓަލް ނިމުމާއެކު، 2,700 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ ސިއްހީ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެ، ހިދުމަތްތައް ފުޅާވެގެންދާނެއެވެ. މީގެ ސަބަބުން، ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ގިނަ ބަލިތަކަށް ބޭސްކުރުމުގެ މަގު ފަހިވެ، ފަރުވާ ހޯދުމަށް އެހެން ރަށްރަށަށް ނުވަތަ މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. މި ހޮސްޕިޓަލް މަޝްރޫއަކީ ވެސް އެ ކުންފުނީގެ ތަޖުރިބާ އާއި ގާބިލުކަން ދައްކުވައިދޭ، ރައްޔިތުންނަށް ނުހަނު ފައިދާހުރި މަޝްރޫއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

