ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި ބަދަލަށް އަމަލުކުރަން ފަށާނީ 26 ޖެނުއަރީ 2026 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. މިއީ 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.
މި ބަދަލާއެކު، އުޅަނދުފަހަރަށް ދެމުން އަންނަ ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތްތައްވެސް މީގެ ފަހުން 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބިގެންދާނެއެވެ. މީގެ ކުރިން އޮތް އުސޫލުގެ ދަށުން ބޯޓުފަހަރު ޕޯޓް ލިމިޓަށް ވަނުމުގައި ވަކި ވަގުތުތަކެއް ކަނޑައެޅިފައި އޮތުމުން ދިމާވާ ދަތިތަކަށް މި ނިންމުމާއެކު ހައްލެއް ލިބިގެންދާނެއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކުގެ ދަށުން ގެނެވުނު ވަރަށް މުހިންމު ހެޔޮ ބަދަލެކެވެ. މިއީ ވިޔަފާރިވެރިންނަށް ކަންކަން ފަހިކޮށްދީ، ދިވެހި އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

