ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ބިންހިއްކުމުގެ ބިޔަ މަޝްރޫއުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަން އިއުލާންކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ މަސައްކަތް ނިމުމާއެކު، ދެން ސަރުކާރުން އެންމެ ބާރުދުވެލީގައި ނިންމުމަށް އަމާޒު ހިފާފައިވަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ ސަރުކާރުން އެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށެވެ. މި މަޝްރޫއުގެ ދަށުން ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި 40 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ.
ގިރާވަރުފަޅު މަޝްރޫއުގެ ދަށުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ އެ ފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައެވެ. މިއާއެކު ގިރާވަރުފަޅުން ހިއްކާ ބިމުގެ ޖުމްލަ އަދަދު އިތުރުވެގެންދާނެއެވެ.
މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުތަކަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.

