މުސްލިމު ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ "މުސްލިމް ޓްރެވަލް ޝޯ" ގައި ދިވެހިރާއްޖެއިން ބައިވެރިވާނެކަން އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޮގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އިން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފެބްރުއަރީ 7 އިން 8 އަށް ލަންޑަންގެ އެކްސެލްގައެވެ.
މި ހަރަކާތަކީ އައި.އެޗް.ޓީ.އޯ އިން އިސްވެ ކުރިއަށްގެންދާ ހަރަކާތެކެވެ. މިކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު ޖަމިއްޔާތަކުގެ ތާއީދު ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ)، މޯލްޑިވްސް ބޯޓިންގ އެސޯސިއޭޝަން އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަން ހިމެނެއެވެ.
އައި.އެޗް.ޓީ.އޯ އިން ވިދާޅުވި ގޮތުގައި، މި ހަރަކާތުގައި ބައިވެރިވުމަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދުނިޔޭގެ ހަލާލް ފަތުރުވެރިކަމުގެ ބާޒާރުގައި ރާއްޖޭގެ ދައުރު ފުޅާކޮށް، މަގުބޫލުކަން އިތުރުކުރުމަށް އެޅޭ މުހިންމު އިސްތިރާތީޖީ ފިޔަވަޅެކެވެ. މުސްލިމް ޓްރެވަލް ޝޯއަކީ ހަލާލް އަދި މުސްލިމުންނަށް ބޭނުންވާ ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ އެންމެ ބޮޑު އެއް މާހައުލެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ މުސްލިމު ފަތުރުވެރިކަމާ ގުޅޭ އައު އިސްތިރާތީޖީ ސިޔާސަތުތައް ތައާރަފްކުރުމާއި، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ވަސީލަތްތައް ދައްކާލާނެއެވެ. މީގެ އިތުރުން، ވިޔަފާރިވެރިންނާއި މުސްލިމު ފަތުރުވެރިންނާ ސީދާ ބައްދަލުކޮށް، ދިގުމުއްދަތުގެ ވިޔަފާރި ގުޅުންތަކާއި ޚިދުމަތް ފޯރުކޮށްދޭނެ އައު މަގުތައް ބިނާކުރެވޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.
މުސްލިމު ފަތުރުވެރިކަމަކީ މިހާރު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ދާއިރާއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދާއިރާގެ އަހަރީ ބާޒާރުގެ އަގު އުޅެނީ 200 އާއި 300 ބިލިޔަން ޔޫ.އެސް ޑޮލަރާ ދެމެދުގައެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް މި ބާޒާރުގެ އަގު 500 ބިލިޔަން ޔޫ.އެސް ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ނިމިދިޔަ 2024 ވަނަ އަހަރު އެކަނިވެސް 176 މިލިޔަން މުސްލިމު ފަތުރުވެރިން ދަތުރުކޮށްފައިވާ ކަމަށް ބެލެވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 25 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިފަދަ ބޮޑު ބާޒާރަކަށް ރާއްޖެ އިޝްތިހާރުކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

