މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ތިން ރަށަކުން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ކުޅުދުއްފުށި ސިޓީއާއި، ރ. ދުވާފަރުގެ އިތުރުން ބ. އޭދަފުށީގައެވެ.
ކުޅުދުއްފުށި ސިޓީން ހައްޔަރުކޮށްފައިވަނީ އެ ރަށު ގުލާބީގެ، އުމުރުން 55 އަހަރުގެ ޢަބްދުއްސައްތާރު ޢަލީއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މަހުގެ 22 ވަނަ ދުވަހު މަގުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރުކޮޅު ފެނިފައިވެއެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 7 ދުވަސް ޖަހާފައެވެ.
މީގެ އިތުރުން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ދުވާފަރު ޕޮލިސް ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ރ. ދުވާފަރު / ސެމަންވިލާ، އުމުރުން 20 އަހަރުގެ ޢަލީ މައިސާންއާއި، އެ ރަށު ގުރީންހެވަން، 18 އަހަރުގެ ހޫދު ޙުސައިންއެވެ. މި މީހުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ކޯޓުން ވަނީ މި ދެ މީހުންވެސް 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ބ. އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ، އެ ރަށު ބަށިމާގެ، އުމުރުން 27 އަހަރުގެ މުޙައްމަދު ރައްޝާމްއެވެ. އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި، ސެލޯފިންކޮޅެއްގެ އިތުރުން ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 36 ގުރާމެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަސް އިތުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި ތިން މައްސަލަވެސް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

