ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި، މިހާތަނަށް ކައުންސިލްތަކަށް ވާދަކުރުމަށް 953 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ. މި އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ހަފުތާގެ ތެރޭގައި ޖުމްލަ 1,653 ފޯމު ވަނީ ހުށަހަޅާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކައުންސިލްތަކަށް ވާދަކުރުމަށް ސިޔާސީ ޕާޓީތަކުން މިހާތަނަށް 750 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 617 މީހުންނެވެ. ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި 113 ފޯމުގެ ތެރެއިން 41 ފަރާތަކުން މިހާރު ވަނީ އަލުން ފޯމު ހުށަހަޅާފައެވެ.
މީގެ އިތުރުން، ކައުންސިލްތަކަށް އަމިއްލަ ގޮތުން ވާދަކުރުމަށް 203 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 133 މީހެއްގެ ޝަރުތު ފުރިހަމަވާއިރު، 70 މީހެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން 36 މީހަކު ވަނީ އަލުން ފޯމު ހުށަހަޅާފައެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރުމަށް މިހާތަނަށް 700 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން ސިޔާސީ ޕާޓީތަކުން ހުށަހެޅި 565 ފޯމުގެ ތެރެއިން 488 މީހެއްގެ ޝަރުތު ހަމަވެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރަން ފޯމު ހުށަހެޅި 135 މީހުންގެ ތެރެއިން 86 މީހެއްގެ ޝަރުތު ފުރިހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
ކައުންސިލް އަދި އަންހެނުންގެ ކޮމިޓީ އިންތިޚާބުގައި ވާދަކުރަން ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ރަސްމީ ގަޑިތަކުގައި ޕޯޓަލް މެދުވެރިކޮށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 15:30 އަށް ފޯމު ބަލައިގަންނާނެއެވެ. އަދި ހުކުރު ދުވަސްދުވަހު ފޯމު ބަލައިގަންނާނީ ހަވީރު 15:30 އިން އިރުއޮއްސި 18:00 އަށެވެ.

