ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބަށް ކެމްޕެއިން ކުރުމަށް ވެރިކަން ކުރާ ކޮންގްރެސް ޕާޓީން މާލޭގައި ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން، މައްޗަންގޯޅި ދެކުނު ދާއިރާގައި ގެއިން ގެއަށް ހިނގުމުގެ ހަރަކާތްތައް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މިއަދު މާލެ ސިޓީގައި ކުރިއަށްދިޔަ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުގައި މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ މޫސާ އަލީ ޖަލީލު އާއި، މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ ޢާއިޝަތު އަލައިކާ ޢަދުނާނު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން މައްޗަންގޯޅި ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުސްތަފާ ހުސައިން އާއި، ކައުންސިލުގެ އެ ދާއިރާގެ ގޮނޑިއަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވެސް ވަނީ ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
ކޮންގްރެސް ޕާޓީން އަންނަނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ކެމްޕެއިން ހަރަކާތްތައް ވަރަށް ފޯރީގައި ހިންގަމުންނެވެ. އެގޮތުން ޕާޓީގެ އިސް ލީޑަރުން އަތޮޅުތެރޭގެ ރަށްރަށަށާއި ސިޓީތަކަށް ވަޑައިގެން، ކެމްޕެއިންގެ އެކި ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާކަން އެ ޕާޓީން ފާހަގަކުރެއެވެ.
މާލެ ސިޓީއާއި އެހެނިހެން ސިޓީތަކާއި ރަށްރަށުގައި ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް މަޑުނުޖެހި ހަލުވިކަމާއެކު ކުރިއަށްގެންގޮސް، ވެފައިވާ ވައުދުތައް ފުރިހަމަކުރުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލަރުންނާއި މެންބަރުން އިންތިހާބުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

