އެމެރިކާގެ ނިއުޔޯކުގައި ދާދިފަހުން ބޭއްވި "ޓްރެވަލް އެންޑް އެޑްވެންޗަރ ޝޯ" ގައި ރާއްޖެ އިޝްތިހާރުކޮށް، އެމެރިކާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފިއެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެކުވެރި ދައުލަތްތަކަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ދާއިމީ މިޝަންއާ ގުޅިގެން، މި މަހުގެ 24 އިން 25 ގެ ނިޔަލަށެވެ.
ނިއުޔޯކްގެ ޖެވިޓްސް ސެންޓަރުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޝޯއަކީ އުތުރު އެމެރިކާގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފޯރަމެވެ. މި ފޯރަމަށް ޓްރެވަލް އެޑްވައިޒަރުންނާއި ބައިނަލްއަގުވާމީ މީޑިއާތައް ހިމެނޭހެން 20,000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިއެވެ. މިއީ މަތީ ފަންތީގެ ތަފާތު ތަޖުރިބާތަކަށް ޝައުގުވެރިވާ އެމެރިކާގެ ކަސްޓަމަރުންނާ ސީދާ ގޮތެއްގައި ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަން ވީއެމްސީން ފާހަގަކުރެއެވެ.
މި ހަރަކާތުގެ ތެރެއިން ރާއްޖޭގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ފަތުރުވެރިކަމާ ގުޅޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އެމެރިކާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ކަންކަން ދެނެގަތުމަށް ހާއްސަ ސާވޭއެއް ކުރިއަށް ގެންދިޔައިރު، ގުރުވަތުން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދިނުމުގެ ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ޝޯގެ ތެރެއިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ޑރ. އަލީ ނަސީރުގެ ވާހަކަފުޅުގައި، ދުނިޔޭގެ ފަތުރުވެރިކަމުގައި ރާއްޖެއަށް އޮތް މަޤްބޫލުކަމާއި، ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމެރިކާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު 47,891 ފަތުރުވެރިން ޒިޔާރަތްކުރިއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 66,443 އަށް އިތުރުވެފައެވެ. މިއީ ދުރު ރާސްތާގެ ޗުއްޓީ މަންޒިލެއްގެ ގޮތުގައި އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެކެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވި ގޮތުގައި މިފަދަ ބޮޑު ހަރަކާތެއްގައި ބައިވެރިވުމަކީ ރާއްޖެއަކީ މަތީ ފަންތީގެ ހިދުމަތްތައް ލިބޭ، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އޮތް އޮތުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ. އަދި މިއީ އެމެރިކާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅުން ބަދަހިކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

