ސަރުކާރުން ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ދަށުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 10 ރަށެއްގައި އަލަށް ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މި ޚިދުމަތް ފުޅާކުރުމަކީ ކިޑްނީ ބަލީގެ ފަރުވާއަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ބަލީގެ ސަބަބުން ހަފްތާއަކު ދެތިން ދުވަހު ޑަޔަލިސިސްގެ ޚިދުމަތް ހޯދަންޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ، ސަރުކާރުން އަންނަނީ މި ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ފުޅާކުރުމަށް ޚާއްޞަ މަޝްރޫޢެއް ހިންގަމުންނެވެ.
މި މަޝްރޫޢުގެ ދަށުން އެންމެފަހުން ޑަޔަލިސިސްގެ ޚިދުމަތް ފަށާފައިވަނީ ދ. އަތޮޅު ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގައި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ، މިއީ ވޭތުވެދިޔަ ދެ އަހަރު ތެރޭގައި މި ޚިދުމަތް ފެށި 10 ވަނަ ހޮސްޕިޓަލު ކަމަށެވެ. މީގެ ސަބަބުން އެ ރަށްރަށުގެ ރައްޔިތުން ޑަޔަލިސިސް ހެދުމަށްޓަކައި އެހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތައް ހުއްޓި، ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ވަޒީރު ވިދާޅުވީ، “2024ވަނަ އަހަރާއި 2025ވަނަ އަހަރު ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހަމައެކަނި ޑަޔަލިސިސްގެ ޚިދުމަތް 10 ރަށުގެ ރައްޔިތުންނަށް މިހާރު އެހެން ރަށަކަށް ދަތުރުނުކޮށް ލިބޭނެ” ކަމަށެވެ. ޑަޔަލިސިސްގެ ޚިދުމަތް އަލަށް ފެށި ރަށްތަކުގެ ތެރޭގައި އާމިނާދިޔޯ ޞިއްޙީ މަރުކަޒު، ގއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މުލި ރީޖަނަލް ހޮސްޕިޓަލް، ތ. އަތޮޅު ހޮސްޕިޓަލް، އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒު އަދި ދ. އަތޮޅު ހޮސްޕިޓަލް ހިމެނެއެވެ.
މި ޚިދުމަތް ޤާއިމު ކުރުމަކީ ގިނަ މަސައްކަތްތަކެއް އެކުލެވޭ ކަމެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މީގެ ތެރޭގައި ބޭނުންވާ އުމްރާނީ ތަރައްޤިއާއި، މެޝިނަރީޒް އަދި ސާމާނު ހޯދުމުގެ އިތުރުން، މިކަމަށް ބޭނުންވާ ފަންނީ މީހުން ތަމްރީނު ކުރުން ހިމެނޭ ކަމަށެވެ. މީގެ ކުރިން މިކަމަށް ތަމްރީނުވެފައިވާ މީހުން ނެތް ރަށްތަކުގައިވެސް މިހާރު ތަމްރީނު ލިބިފައިވާ މުވައްޒަފުން ތިބެގެން ޚިދުމަތް ދެމުންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ޑަޔަލިސިސް ހަދަންޖެހޭ ބަލި މީހުންނަށް ނުވަތަ އެމީހުންގެ އާއިލާތަކަށް އުފުލަންޖެހޭ ތަކުލީފާއި ވޭން އިހުސާސް ކުރެވޭނީ ހަމައެކަނި އެފަދަ ފަރާތްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، މިފަދަ އަސާސީ ޚިދުމަތެއް ރައްޔިތުން ތިބި ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.

