ދިވެހި ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މަޝްހޫރު އެކްޓަރު މުޙައްމަދު ނައީމް (ނައިމްބެ) ރޭގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. މ. މެދުމާ ޕެލަސް، މުޙައްމަދު ނައީމް ނިޔާވިއިރު އުމުރަކީ 71 އަހަރެވެ.
ނައީމަކީ ދިވެހި ފިލްމީ އުފެއްދުންތަކުގެ ރަންޒަމާނުން ފެށިގެން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން ކުރީގެ އެޓޯލްސް މިނިސްޓްރީން އުފެއްދި މަޝްހޫރު ޑްރާމާތަކުން ފެށިގެން، ޓީވީއެމްގެ އުފެއްދުންތަކާއި އެކި ފިލްމުތަކުގައި އޭނާ ވަނީ ތަފާތު ކެރެކްޓާތައް ކުޅެފައެވެ.
ނައިމްބެ ކުޅެފައިވާ މަޝްހޫރު އުފެއްދުންތަކުގެ ތެރޭގައި “ދިރިއުޅުމަކީ މިއީބާ” ސިލްސިލާގެ އިތުރުން މަޝްހޫރު ފިލްމު “ޒުލޭޚާ” ފަދަ އުފެއްދުންތައް ހިމެނެއެވެ. އޭނާ ބޮޑަށް ފާހަގަވެފައިވަނީ ކޮންމެ ކަހަލަ ރޯލެއްވެސް ވަރަށް ފުރިހަމައަށް އަދާކުރާ، އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެއްގެ ގޮތުގައެވެ.
ފިލްމީ ދާއިރާގެ އިތުރުންވެސް ނައީމަކީ އާންމުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް ބޭއްވި، އެންމެންގެ ލޯބި ލިބިފައިވާ ފަރާތެކެވެ. އޭނާ ނިޔާވުމަކީ ދިވެހި ފިލްމީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެކެވެ.
މަރުޙޫމް މުޙައްމަދު ނައީމްގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

