ކޮންމެ އަހަރެއްގެވެސް ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް ސައުދީ އަރަބިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު ބެހުން މިފަހަރުވެސް އޮންނާނޭކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސައުދީން ހަދިޔާކުރާ ކަދުރު ބެހުމުގެ މަސައްކަތް މި އަހަރުވެސް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް، ކަދުރު ބަހަން ފަށާނެ ސީދާ ތާރީހެއް މިހާތަނަށް މިނިސްޓްރީން ކަނޑައަޅާފައެއް ނުވެއެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، ކަދުރު ބަހާނެ ތާރީހާއި އުސޫލުތައް ވަރަށް އަވަހަށް އާންމުކޮށް އިއުލާނު ކުރާނެއެވެ.
ސައުދީ އަރަބިއާއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ އިސްލާމީ އަހްވަންތަ ގުޅުމުގެ ރަމްޒެއްގެ ގޮތުން، ސައުދީ ރަސްގެފާނުގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުންނެވެ. މިދިޔަ އަހަރު ސައުދީން ވަނީ ރާއްޖެއަށް 60 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
މިދިޔަ އަހަރު ކަދުރު ބަހާފައިވާ އުސޫލަށް ބަލާއިރު، ކޮންމެ 100 ގޭބިސީއަކަށް ޖެހިފައިވަނީ 25 ޕެކެޓް ކަދުރެވެ. އަދި ރަށްރަށުގެ ގޭބިސީތަކަށް ކަދުރު ބަހާފައިވަނީ ކަދުރު ބަލައި ހާޒިރުވި ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓްގެ މަގުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރު ރޯދަ މަހުގެ ކުރިން، ޖެނުއަރީ މަހުގެ ފަހުކޮޅު ކަދުރު ބަހަން ފަށާފައިވެއެވެ. ސައުދީން ހަދިޔާކުރާ މި ކަދުރަކީ ކޮންމެ އަހަރަކުވެސް ދިވެހި ރައްޔިތުންގެ ބޮޑު ޝައުގުވެރިކަމެއް ލިބޭ ހަދިޔާއެކެވެ.

