ނ. ވެލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރިއަށްދަނީ ބަނދަރުގެ ކެޕިން ބީމް އެޅުމާއި ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް އެޅުމުގެ މަސައްކަތްތަކެވެ.
ވެލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 29 ޑިސެންބަރު 2022 ގައެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް މި މަޝްރޫޢު އޮތީ ބޭނުންވާ މިންވަރަށް ކުރިއަށް ނުގޮސް، ދިގުލައިގެން ގޮސްފައެވެ. މި ސަރުކާރުން އަންނަނީ ކުރީ ސަރުކާރުގައި ނުނިމި ހުރި މިފަދަ މަޝްރޫޢުތައް އަލުން ފަށައި، ހަލުވިކަމާއެކު ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ބަނދަރު ފުންކުރުމާއި، ބޭރުތޮށިލުމާއި، ރިވެޓްމަންޓް ޖެހުމުގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ބިނާކުރުން ހިމެނެއެވެ. މީގެ އިތުރުން އެއްގަމުތޮށިލުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.
ދެހާސް ހަތްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ވެލިދޫގެ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އެރަށުގައި މިހާރު ވަނީ ސީޕްލޭންގެ ޚިދުމަތްވެސް ފަށާފައެވެ. މިއީ އެރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

