ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބުކޮށް ރާއްޖެއަށް ރީތި ނަމެއް ހޯދައިދިން ޤައުމީ ފުޓްސަލް ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން މާދަމާ ރޭ މާލޭގައި ކުލަގަދަ ހަރަކާތްތަކަކާއެކު ހަވާއެރުވުމަށް ނިންމައިފިއެވެ.
މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި އިވެންޓުގެ ތެރެއިން ބޮޑުބެރުގެ ހަރަކާތްތައް ކުރިއަށްދާއިރު، ސަޕޯޓަރުންނަށް ކުޅުންތެރިންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ޤައުމީ ޓީމު ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔުމަށް ވަނީ ރޭވިފައެވެ. އެއަށްފަހު، ޓީމުގެ ކުޅުންތެރިން ޓްރޮފީއާއެކު މާލޭގެ ބޮޑެތި މަގުތަކުގައި ޕިކަޕް ބުރެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި ބުރު ކުރިއަށްދާނީ އަމީނީ މަގާއި މަޖީދީ މަގު ހިމެނޭ ގޮތަށެވެ.
ރާއްޖެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މިގޮތުން ސަރަހައްދުގެ ވަރުގަދަ ބާރެއް ކަމަށްވާ އިންޑިއާ ބަލިކޮށް، ރާއްޖޭގެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
މިއީ ސަރަހައްދީ ފުޓްސަލް މުބާރާތަކުން ރާއްޖޭގެ ޤައުމީ ޓީމެއް ހޯދި ފުރަތަމަ ތާރީޚީ ކާމިޔާބީއެވެ. މި ކާމިޔާބީއާއެކު ރާއްޖޭގެ ފުޓްސަލް އާއިލާއަށް ވަނީ ބޮޑު އުފާވެރިކަމެއް ލިބިފައެވެ.

