ނ. ވެލިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކެޕިން ބީމް އެޅުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެމްޓީސީސީން ބާރު ސްޕީޑްގައި ކުރިއަށް އެބަގެންދެއެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރު 2022 ގައެވެ. އަދި އަމަލީ މަސައްކަތް ފަށާފައިވަނީ 12 ފެބްރުއަރީ 2023 ގައެވެ. މި މަޝްރޫޢަކީ 2022 ވަނަ އަހަރު ހަވާލުކުރެވުނު ނަމަވެސް، ކުރީ ސަރުކާރުގައި މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.
މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 113,689 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 485 މީޓަރުގެ ބޭރުތޮށިލުމާއި، 167 މީޓަރުގެ އެލް-ބްލޮކް އެއްގަމު ތޮށިލުން ހިމެނެއެވެ. މީގެ އިތުރުން 120 މީޓަރުގެ ޖެޓީއެއް ހެދުމާއި، 2,433 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިހާރުގެ ސަރުކާރުން އަންނަނީ ކުރިން ހުއްޓިފައި ހުރި މިފަދަ ތަރައްޤީގެ މަޝްރޫޢުތައް އަލުން ފަށައި ހަލުވިކަމާއެކު ނިންމަމުންނެވެ. މިގޮތުން ވެލިދޫ ބަނދަރުގެ މަސައްކަތުގެ ޖުމްލަ 19 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
ބަނދަރުގެ މަސައްކަތުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވެލިދޫގައި މިހާރު ވަނީ ސީޕްލޭންގެ ޚިދުމަތް ވެސް ފަށާފައެވެ. މިއީ އެ ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

