އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައި، ކޮމަންވެލްތު އޮފް އޮސްޓްރޭލިއާގެ ގަވަރނަރ ޖެނެރަލް، ސަމާންތާ މޮސްޓިން އޭ.ސީ. އަށާއި، ކޮމަންވެލްތު އޮފް އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް އެމް.ޕީ އަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާގެ މެސެޖު ފޮނުއްވައިފިއެވެ.
ގަވަރނަރ ޖެނެރަލަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަތުރުވެރިކަމާއި، ތަޢުލީމާއި، ޤާބިލިއްޔަތު އިތުރުކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ސްކޮލަރޝިޕްތައް މެދުވެރިކޮށް އޮސްޓްރޭލިއާއިން ދޭ އެހީތެރިކަމުގެ ސަބަބުން، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޮޑު ބާރަކަށްވެ، ދެ ޤައުމުގެ ގުޅުން ހަރުދަނާވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި، ދެ ޤައުމުގެ ރަޙުމަތްތެރި ގުޅުން ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ޑިމޮކުރަސީގެ ގިޔަމުތަކާއި، ކޮމަންވެލްތުގެ ގާތް އުސޫލުތަކުގެ މައްޗަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރަޙައްދީ އަމާންކަމާއި ހަމަޖެހުން ޤާއިމުކުރުމުގައި އޮސްޓްރޭލިއާއިން އަދާކުރާ މުހިންމު ދައުރަށްވެސް އެމަނިކުފާނު ތައުރީފު ކުރެއްވިއެވެ.
ކަނޑުގެ ސަރަހައްދު ބޮޑު ދެ ޤައުމުގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅުންހުރި މުހިންމު މަސްލަހަތުތައް ދެ ޤައުމުން ހިއްސާކުރާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަޤީންކަން ދެއްވައި، ދެ ލީޑަރުންނަށް ދުޅަހެޔޮކަމާއި އޮސްޓްރޭލިއާގެ ރައްޔިތުންނަށް ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވަނީ، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އެ ޤައުމުގެ ރައްޔިތުން ތަރައްޤީގެ އައު އުސްމިންތަކަށް ވާސިލުވުމަށް އެދިވަޑައިގެންފައެވެ. އޮސްޓްރޭލިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހުގެ 26 ވަނަ ދުވަހުއެވެ.

