އދ. އޮމަދޫގައި އިމާރާތް ކުރި “މަސްޖިދުއްރަޙުމާ” މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތަކީ ދީލަތި އެހީތެރިއެއްގެ ފަރާތުން އެ ރަށުގެ ރައްޔިތުންނަށްޓަކައި ބިނާކޮށްދީފައިވާ ރީތި މިސްކިތެކެވެ.
މިސްކިތް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރެވެ. އޮމަދޫގައި މިސްކިތް ހުޅުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަށު ކައުންސިލްގެ މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.
އެރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު އިލްތިމާސްކުރެއްވީ މިސްކިތްތަކަކީ މުޖުތަމައުގެ ބަދަހިކަމާއި އަޅުކަމުގެ މަރުކަޒުތަކަށްވާއިރު، މި މިސްކިތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށެވެ. ހަމަމިއާއެކު ސްޓޭޓް މިނިސްޓަރ ވަނީ މިސްކިތް ބިނާކޮށްދެއްވި ފަރާތަށް ޝުކުރު އަދާކުރައްވާފައެވެ.
މިއީ އިސްލާމީ ދީނަށް ލޯބިޖެއްސުމަށާއި، މިސްކިތްތައް ބިނާކޮށް އާބާދުކުރުމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްދިޔަ މުހިންމު މަސައްކަތެކެވެ. މި މިސްކިތް ހުޅުވުމާއެކު އޮމަދޫގައި ނަމާދުކުރާނެ ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްދާ މިސްކިތްތަކުގެ މަޝްރޫއުތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 15 މިސްކިތެއް ހުޅުވުމަށް އެ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ.

