ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ، ދުރު ރާސްތާގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި ޤައުމީ ވިލުންތެރިކަން ޤާއިމުކުރުމަށް މުހިންމުކަމެއް ކަމުގައި ވިދާޅުވެ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ނަތީޖާ ނެރެވޭނޭފަދަ މަސައްކަތްތަކެއްކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލައްވާފައިވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރުމަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް ގެ) ކުރިއެރުމަށް ލާޒިމުކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. އަދި ފާއިތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގައި، އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ ޤާބިލުކަން، ފާހަގަކުރެވޭ މިންވަރަށް އިތުރުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތިމާވެއްޓާ އެންމެ އެކަށީގެންވާ ފަންނިއްޔާތާ ބެހޭގޮތުން ދިރާސާކޮށް، އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުކަމުގައިވާ، ސޯލާ ޕީ.ވީ ހަރުކޮށް، ބޭނުންކުރުމަށް ވުނަކުރަމުންދާކަމުގައި ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ހަކަތަ ބޭނުންކުރުމުގައި ކެރުންތެރިކަން އިތުރުކޮށް، ހަކަތައިގެ ދާއިރާގެ ޤާނޫނީ އަދި އިންތިޒާމީ އޮނިގަނޑު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި މަސައްކަތްތަކަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް އަދުގެ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ބާރުދޭ މަސައްކަތްތަކެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ބޭނުންކުރާ ހަކަތައަކީ ސާފު ހަކަތައަށް ބަދަލުކޮށް، މި ދުނިޔެ ހިމާޔަތްކުރުމަށްޓަކައި، ހުރިހާ މަސްލަހަތުވެރީން އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ސާފު ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، ބޭނުންކުރާ ހަކަތަ ސާފު ހަކަތައަށް ބަދަލުކުރުމަކީ އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. މި ސަރުކާރުގެ އަމާޒަކީ، ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމުގެ ނިޒާމުގެ ދަށުން ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި، އިޤްތިޞާދީ ފުރުޞަތުތައް ހަރުދަނާކޮށް، ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ސާފު ހަކަތައިގެ ދުވަހުގެ ގޮތުގައި 26 ޖަނަވަރީ ކަނޑައަޅުއްވާފައިވަނީ އދގެ ޢާންމު މަޖިލީހުގެ ޤަރާރަކުންނެވެ. މި ތާރީޚަކީ އިންޓަރނޭޝަނަލް ރިނިއުއަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ޤާއިމުކުރި ތާރީޚެވެ.

