ފަތިސް ނަމާދު ކުރުމަށް ގަޑިއަށް ހޭލައި، ފަތިސް ނަމާދާއެކު ދުވަސް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތް ކުރި ޝަހީދު އަލީ ސްކޫލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، އެ ސްކޫލަކީ ސުލްޠާން ޢަލީ (ހަވަނަ) ނުވަތަ މަޝްހޫރު އަލިރަސްގެފާނަށް ނިސްބަތްވާ ސްކޫލެއްކަން ފާހަގަކުރައްވައި، އަލިރަސްގެފާނު ކުރެއްވި ޖިހާދުން އިބްރަތް ހާސިލުކުރުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ. އަދި ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ކޮންމެ ދަރިވަރަކު ވެސް ބަލަންވާނެ ކަމަށާއި، މި ގައުމުގެ މުސްތަގްބަލް ބިނާކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ސްކޫލަށް އެ ނަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.
“މި ސްކޫލް ނިސްބަތްވެގެންވާ އަލި ރަސްގެފާނުގެ ޖިހާދާއި އަލި ރަސްގެފާނު އެ ދުވަހު އެ ކަންތައް ކުރެއްވި ގޮތާއި މި ކަންކަމުން އިބްރަތް ހާސިލްކޮށް ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ހިތުގައި ބިންވަޅު ނަގައި ގައުމަށްޓަކައި ތިމަންނައަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަބަދުވެސް ވިސްނާ އެގޮތުގައި ހިތްވަރު، ކުރިއަށް ދިއުމަށް ހުރިހާ ކުދިން މަސައްކަތް ކުރަންވާނެ.” ރައީސް
ޝަހީދު ޢަލީ ސްކޫލަކީ އިންކްލޫސިވް ތައުލީމު ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އަތޮޅުތެރެއަށް މި ނިޒާމު ފުޅާކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް މިހާރު ވަނީ ހުޅުވާފައެވެ. އަދި މިކަމަށް ބޭނުންވާ މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތް ވެސް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސްކޫލް މާހައުލުގެ ކަންކަން ތަރުތީބުކުރެވިފައި ހުންނަންވާނީ ދީނީ ކަންކަމަށް ފަސޭހަވާނެ ގޮތަށް ކަމަށެވެ. އަދި ކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އަށަގެންނެވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމަށާއި، ގައުމަށް އަންނަ ތަރައްގީއާ އެއްވަރަށް ދަރިވަރުންގެ ވިސްނުން ވެސް ތަރައްގީވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
“ސަރުކާރުން މަސައްކަތް ކުރަމުންދާނީ މި ހުރިހާ ކަމަކަށް މަގު ފަހިކޮށްދިނުމަށްޓަކައި ކަންކަން ތަރުތީބުކޮށްދިނުމަށް. އެއީ އިންފްރާސްޓްރަކްޗަރ އަށް ބެލި ނަމަވެސް ނުވަތަ ތައުލީމީ ނިޒާމު ވަރުގަދަ ކުރުމުގެ އެހެނިހެން ކަންކަމަށް ބެލި ނަމަވެސް. ހާއްސަކޮށް އިންކްލޫސިވިޓީ ޔަގީންކުރުމަށްޓަކައި ހާއްސަ އިސްކަމެއް ދޭނަން. މުޖުތަމައުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިން ވެސް އަދި ހަވާސާ ވެފައިވާ ކުދިންނަށް ވެސް މި ސަރުކާރުން އިސްކަންދޭނެ. އިންކްލޫސިވް ތައުލީމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް.” ؛ ރައީސް
އިންކްލޫސިވް ތައުލީމަކީ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދީ، އުނގެނުމުގެ ތަފާތުތައް ހުންނަ ކުދިން އާންމު ކްލާސްރޫމްތަކުގައި އެހެން ކުދިންނާއެކު އުނގެނުމުގެ ފުރުސަތު ފަހިކޮށްދޭ ނިޒާމެކެވެ. ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ތައުލީމު ފޯރުކޮށްދިނުމުގައި މާލެއާއި އަތޮޅުތެރެއާ ދެމެދު އެއްވެސް ތަފާތެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

