އިސްލާމްދީނަށާއި ދިވެހި ގައުމަށް ލޯބިކުރާ، އުޅުމާއި ސުލޫކު ރަނގަޅު، ހަރުދަނާ އަދި ހީވާގި ދަރީންތަކެއް މި ގައުމުގައި ބިނާކުރެވޭނީ ތައުލީމާއި ތަރުބިއްޔަތަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފެށުނު ދިރާސީ އައު އަހަރުގެ މުނާސަބަތުގައި އެކްސް (ކުރީގެ ޓްވިޓާ) މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި އެމަނިކުފާނު ވަނީ ތައުލީމީ ދާއިރާގެ އެންމެހާ ހިންގުންތެރިންނާއި، މުދައްރިސުންނާއި، ބެލެނިވެރިންގެ އިތުރުން ދަރިވަރުންނަށް އައު އަހަރުގެ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ރައީސްގެ މެސެޖުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ މުހިންމުކަމެވެ. އަދި ދިވެހި ތައުލީމީ ހިޔާވަހިތަކަކީ ހެޔޮލަފާ، ތޫނުފިލި އަދި އުޅުންރީތި ދަރިންތަކެއް ބޮޑެތިކުރާ ތަންތަނަށް ވުމަށް އެދިވަޑައިގެން، އެކަމަށް މާތްﷲގެ ހެޔޮ ތައުފީޤަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

