އެއް މަސްދުވަހުގެ ޗުއްޓީއަށްފަހު، އަހަރުތަކަކަށްފަހު ޖަނަވަރީ މަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ރަސްމީކޮށް ފަށައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ސަރުކާރުގެ 218 ސްކޫލެއްގައި މިއަދު ކިޔެވުން ފެށުނުއިރު، ޖުމްލަ 80,000 އަށްވުރެ ގިނަ ދަރިވަރުން ސްކޫލްތަކަށް ނުކުންނާނެއެވެ. މީގެ ތެރޭގައި ގްރޭޑް 1 އަށް އަލަށް ވަން 4,790 ދަރިވަރުން ހިމެނެއެވެ. ދަރިވަރުންނަށް އުނގަންނައިދިނުމަށްޓަކައި ޖުމްލަ 10,500 މުދައްރިސުން ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި 8,000 ދިވެހި މުދައްރިސުންނާއި 2,500 ބިދޭސީ މުދައްރިސުން ހިމެނެއެވެ.
މި ދިރާސީ އަހަރު ފެށުނުއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވި ޝަހީދު އަލީ ސްކޫލަކީ އެންމެ ގިނަ ދަރިވަރުން ކިޔަވާ އެއް ސްކޫލެވެ. އެ ސްކޫލުގައި 1,900 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާނެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރަށްރަށުގެ ސްކޫލްތަކުން މާލެއަށް 1,500 އެއްހާ ދަރިވަރުން ބަދަލުވެފައިވާއިރު، މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް 800 އަށްވުރެ ގިނަ ދަރިވަރުން ވަނީ ބަދަލުވެފައެވެ..
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ރަމަޟާން މަހުގެ ފުރަތަމަ ހަފްތާއަށްފަހު ސްކޫލްތައް ބަންދުވާނެއެވެ. ތަޢުލީމީ ވުޒާރާއިން ކަނޑައަޅާފައިވާ ގޮތުގައި، ރަމަޟާން މަހާއި ފިޠުރު އީދު ބަންދަށްފަހު އަލުން ކިޔެވުން ފަށާނީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ. މި އަހަރުގެ ކިޔެވުމަށް ބޭނުންވާ ފޮތްތައް ފޮނުވުމާއި މުދައްރިސުން ހަމަކުރުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ކުރިން ނިންމާފައެވެ.

