ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތް ކުރި ޝަހީދު އަލީ ސްކޫލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ސްކޫލަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތަކަށް ބޭނުންވާ ތައުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެކެވެ.
މި ސްކޫލް ހުޅުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ޝަހީދު އަލީ ސްކޫލުގައި މިހާރުވެސް 2,100 ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. މީގެ ތެރެއިން 77 އިންސައްތަ ދަރިވަރުންނަކީ އަތޮޅުތަކަށް ނިސްބަތްވާ ކުދިންކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ "ޝަހީދު އަލީ ސްކޫލަކީ ރާއްޖޭގެ ހުރިހާ އަތޮޅެއް ތަމްސީލު ކުރާ ޝޯވްކޭހެއް" ކަމަށެވެ.
ޒަމާނީ ވަސީލަތްތަކާއެކު ބިނާކޮށްފައިވާ މި ސްކޫލުގައި 54 ކުލާސްރޫމާއި، އޮޑިޓޯރިއަމްއަކާއި، ސައިންސް ލެބްތަކުގެ އިތުރުން ޒަމާނީ ފެންވަރުގެ ހޯލެއް ޤާއިމްކޮށްފައިވެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ސްކޫލަކީ ދަރިވަރުންނަށް ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މި ސްކޫލުގައި މިވަގުތު 226 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ސްކޫލުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ނިންމާލެވުނު މުހިންމު މަސައްކަތެކެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފަށާފައިވާއިރު، ސަރުކާރުގެ 219 ސްކޫލެއްގައި ޖުމްލަ 80,715 ދަރިވަރުން މިއަހަރު ތައުލީމު ހާސިލުކުރަމުން ގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

