މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރެއިން ޝީޓްޕައިލްކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން މި މަޝްރޫޢުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރަމުން ބުނީ، ދެވަނަ ފިޔަވަހީގެ ދަށުން 260 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކޮށްފައިވާކަމަށެވެ. މީގެ އިތުރުން، 105 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
މަޝްރޫޢުގެ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، ބިން ހިއްކުމުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޕެނަލް އިންސްޓޯލްކުރުމުގެ މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ރޯދަމަހުގެ ކުރިން މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމައި، އެ ސަރަހައްދު އާންމުންނަށް ހުޅުވާލުމެވެ. މި މަޝްރޫޢުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

