ރާއްޖޭގެ ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، އެ ދާއިރާގެ ހިންގުމަށް މިނިވަން ނިޒާމެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރާ އެއްގޮތަށް "ޝަރުޢީ ދާއިރާގެ ގުޅުންހުރި މާލީ ކަންކަމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސްއިން އެކުލަވާލި މި އުސޫލަކީ ޢަދުލު އިންސާފުގެ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ފައިސާ ރޭވުމާއި، ދޫކުރުމާއި، ބެލެހެއްޓުމުގެ އިތުރުން ރިޕޯޓްކުރުމަށްޓަކައި އެ ދާއިރާއަށް ޚާއްޞަ އޮނިގަނޑެއް އެކަށައެޅުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުސޫލެކެވެ. ދައުލަތުގެ މާލިއްޔަތު ޤާނޫނާ އެއްގޮތަށް އެކުލަވާލާފައިވާ މި އުސޫލުގެ ސަބަބުން، ޝަރުޢީ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ޚާއްޞަ މާލީ އިންތިޒާމުތަކަށް މަގުފަހިވެގެންދާނެއެވެ.
މި އުސޫލުގައިވާ ގޮތުން، ކޮންމެ އަހަރަކު ވެސް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީގެ %2 އަށްވުރެ މަދުނޫން މިންވަރެއް ޝަރުޢީ ދާއިރާއަށް ބަޖެޓުގެ ގޮތުގައި ކަނޑައަޅަންވާނެއެވެ. ނަމަވެސް، މި ހިސާބުކުރުމުގައި ވަކި ކަމަކަށް ޚާއްޞަކޮށްފައިވާ އާމްދަނީއާއި އަލަށް ތަޢާރަފުކުރާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން ލިބޭ ފައިސާ ނުހިމެނެއެވެ.
ޝަރުޢީ ދާއިރާއަށް ދޫކުރާ "ޖުޑީޝަރީ ސެކްޓޯރަލް ގްރާންޓް" ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގައި ހުޅުވާފައިވާ ޚާއްޞަ އެކައުންޓެއް މެދުވެރިކޮށެވެ. މި އެކައުންޓުން ކުރެވޭ ހުރިހާ މުޢާމަލާތްތަކެއް ހިންގަންވާނީ ދައުލަތުގެ ޕަބްލިކް އެކައުންޓިންގ ސިސްޓަމް މެދުވެރިކޮށް، މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ.
ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އިން ކުރަންޖެހޭއިރު، ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 30 ގެ ކުރިން މާލީ ވުޒާރާއަށް ބަޖެޓު ހުށަހަޅަންޖެހެއެވެ. ބަޖެޓު ތަންފީޒުކުރުމުގެ މައިގަނޑު ޒިންމާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއި މާލީ ޒިންމާދާރު ވެރިޔާ އުފުލަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޝަރުޢީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތަކާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމުގައި ޢަމަލުކުރާނެ ހަރުދަނާ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. މުވައްޒަފުންގެ މުސާރަ ދިނުމުގައި ޕޭ ކޮމިޝަނާއި ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަންޖެހޭއިރު، ކޮންމެހެން ކުރަންޖެހޭ ކުއްޔާއި ބިލްތަކަށް ފައިސާ ހުރިކަން ކަށަވަރުކުރުމަކީ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތެކެވެ.
ދެފުށް ފެންނަ ނިޒާމެއްގެ ދަށުން، ކޮންމެ މަހަކު ކުރެވޭ ޚަރަދުތަކުގެ ތަފުސީލު އެ މަހެއް ނިމުމުގެ ކުރިން އާންމުކުރަންޖެހެއެވެ. އަދި ކޮންމެ މަހެއްގެ ޚަރަދު ރިޕޯޓު ޖެހިގެން އަންނަ މަހުގެ 15 ގެ ކުރިން މާލީ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ.
މި އައު އުސޫލުގެ ސަބަބުން، ރާއްޖޭގެ ޝަރުޢީ ދާއިރާގެ މާލީ މިނިވަންކަން އިތުރަށް ކަށަވަރުވެ، ބަޖެޓު ތަންފީޒުކުރުމާއި މާލީ ކަންކަން ރިޕޯޓުކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

