ދިވެހި ނަރުހުން އަލަށް ރަޖިސްޓްރީވާއިރު ކޮލިފިކޭޝަން ސެޓްފިކެޓް ނެތް ނަމަ، ދާއިމީ ރަޖިސްޓްރީ ދޫނުކޮށް ވަގުތީ ރަޖިސްޓްރޭޝަނެއް ދޫކުރާ ގޮތަށް މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ނިންމައިފިއެވެ. މި އައު އުސޫލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
ސިއްހީ ވުޒާރާގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ނެރުނު އިއުލާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ފެބްރުއަރީ 1 އިން ފެށިގެން ކޯސް ނިންމިކަމުގެ ރަސްމީ ލިއުން ހުށަހެޅުމުން ދޫކުރާނީ ޕްރޮވިޝަނަލް ރަޖިސްޓްރޭޝަނާއި ޕްރޮވިޝަނަލް ޕްރެކްޓިސިން ލައިސަންސެކެވެ. މީގެ ކުރިން އަމަލުކުރަމުން އައި ގޮތަކީ ކޯސް ނިންމިކަމުގެ ލިއުމަށް ބިނާކޮށް ދާއިމީ ރަޖިސްޓްރޭޝަނެއް ދޫކުރުމެވެ.
މި ބަދަލު ގެންނަން ނިންމީ ގިނަ ކުދިން ކޯސް ނިންމިކަމުގެ ލިއުން ހުށަހެޅި ނަމަވެސް، ފަހުން ސެޓްފިކެޓް ހުށަނާޅާތީ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އެހެންކަމުން، ދާއިމީ ރަޖިސްޓްރޭޝަން ދެން ދޫކުރާނީ ކޮލިފިކޭޝަން ސެޓްފިކެޓް ހުށަހެޅުމުންނެވެ.
މީގެ އިތުރުން، ކޮމްޕިޓެންސީ އިމްތިހާނުން ފާސްވެގެން ލައިސަންސް ހޯދާ ފަރާތްތަކުން ވެސް ކޮލިފިކޭޝަން ސެޓްފިކެޓް ހުށަހަޅަން ޖެހޭނެ ކަމަށް ކައުންސިލުން ބުނެއެވެ. އަދި ނަރުހުންގެ ރަޖިސްޓްރީގައި އިތުރު ކޮލިފިކޭޝަނެއް ހިމަނަން އެދޭ ނަމަވެސް، އެ ކަމަކާ ގުޅޭ އަސްލު ސެޓްފިކެޓް ހުށަހެޅުން މިހާރު ވަނީ ލާޒިމްކޮށްފައެވެ.

