ސާނަވީ ނިންމާ އިމްތިހާނު ނުވަތަ އެސްއެސްސީ އިމްތިހާނުގެ ވަކި މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރްއާން ހިމަނަން ތައުލީމީ ވުޒާރާއިން ނިންމައިފިއެވެ. މިކަން އިއުލާނު ކުރެއްވީ ދިރާސީ އައު އަހަރުގެ މުނާސަބަތުގައި ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ދެއްވި ހިޠާބުގައެވެ.
ވަޒީރު ވިދާޅުވީ، މި އަހަރު ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ޤުރްއާން މާއްދާ ކުރިއަށް ގެންދިއުމަށްފަހު، 2027 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގައި ރަސްމީކޮށް ޤުރްއާން މާއްދާ ހިމެނުމަށް ވަނީ ނިންމާފައި ކަމަށެވެ. މިއީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނެކެވެ.
މި އަހަރުގެ ތައުލީމީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދޭނީ ދަރިވަރުންގެ ކިބައިގައި ރިވެތި އަހުލާގު އަށަގެންނެވުމަށް ކަމަށެވެ. “ކޮންމެ ދަރިވަރަކީ ވެސް، ރިވެތި އާދަތަކާއި ސިފަތަކާއެކު އަނެކަކަށް އިހުތިރާމްކުރާ ދަރިވަރުން ތަކަކަށް ހެދުމަށް މި އަހަރު ހާއްސަ ޕްރޮގްރާމެއް ފަށަން ވަނީ ނިންމާފައި،” ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.
ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ވަޒީރު އެދިވަޑައިގަތީ އަމިއްލަ އުނގެނުމަށް ޒިންމާވާ، އިސްލާމްދީނަށް ލޯބި ކުރާ، އަދި މައިންބަފައިންނާއި މުދައްރިސުންނަށް އިހުތިރާމްކުރާ ބަޔަކަށް ވުމަށެވެ. އަދި އުނގެނުމަށް ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެ އިތުރުން، ޒަމާނީ ވަސީލަތްތަކަށް މުދައްރިސުން އަހުލުވެރިކުރުވުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އަށް މުދައްރިސުން އަހުލުވެރިކުރުވުމުގެ ހާއްސަ ޕްރޮގްރާމްތަކެއް މި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށްވެސް ތައުލީމީ ވަޒީރު ވިދާޅުވިއެވެ.

