ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދެކުނު އޭޝިއާއަށް ކަނޑައެޅުއްވި އާ ރީޖަނަލް ރެޕްރެޒެންޓެޓިވް ކްރިސްޓިއަން ހޮލްގަރ، އެމަނިކުފާނުގެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ފަތްކޮޅު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. ޢަބްދުﷲ ޚަލީލަށް މިއަދު އަރުވައިފިއެވެ.
ފަތްކޮޅު ހުށަހެޅުއްވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ދިވެހިރާއްޖެއިން ޔޫ.އެން.އޯ.ޑީ.ސީ.އާ އެކު ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވައި އެކަމަށް މިނިސްޓަރ ޑރ. ޚަލީލް ޝުކުރު އަދާކުރެއްވިއެވެ. ވަކީން ޚާއްސަކޮށް، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާއި، ޓެރަރިޒަމް އަދި ހަރުކަށި ފިކުރާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި ޔޫ.އެން.އޯ.ޑީ.ސީ އިން އަދާކުރާ މުހިންމު ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޚަލީލް ވަނީ ކުށްތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތަކާއި، ގާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ އިތުރުން، ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބައްޓަންކުރުމުގައި ޔޫ.އެން.އޯ.ޑީ.ސީ އާއެކު ދިވެހި ސަރުކާރުން ގާތުން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ ގައުމުގެ ސުލްހަޔާއި، ސަލާމަތާއި، ތަރައްގީއަށް މަގުފަހިކޮށްދޭ މުހިންމު ކަންކަން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރީޖަނަލް ރެޕްރެޒެންޓެޓިވް ކްރިސްޓިއަން ހޮލްގަރގެ ވާހަކަފުޅުގައި، ޔޫ.އެން.އޯ.ޑީ.ސީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ފާހަގަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރުން އަހަންމިއްޔަތުކަންދޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އިދާރާ އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ޔޫ.އެން.އޯ.ޑީ.ސީ އިން މިހާރު ކުރިއަށްގެންދާ އަދި ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތަކަށް އަލިއަޅުއްވާލައްވައި، ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ސަރަހައްދީ އެއްބާރުލުމުގެ މުހިންމުކަން ވެސް ރީޖަނަލް ރެޕްރެޒެންޓެޓިވް ވަނީ ފާހަގަ ކުރައްވާފައެވެ.

