ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ އުމުރުން 15 އަހަރުގެ ކުޑަކުއްޖެއް ކަމަށާއި، އެ ވީޑިއޯ އިތުރަށް ނުފެތުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ވީޑިއޯއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުން ކަމަށެވެ. އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ އެ ކުއްޖާ ފުލުހުންގެ ކާރެއްގެ މައްޗަށް އަރާ އިންނަ މަންޒަރެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި، މިފަދަ ކޮންޓެންޓްތައް ކުއްޖާއަށް ފުރައްސާރަ ރައްދުވާ ގޮތަށް އާންމުކުރުމާއި، އަލުން ބްރޯޑްކާސްޓްކުރުމަކީ އެ ކުއްޖާއަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އަދި މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ އަހުލާގީ މިންގަނޑުތަކާ ވެސް ހިލާފު ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން، އެއްވެސް މީޑިއާ އިދާރާއަކުން ނުވަތަ ސޯޝަލް މީޑިއާ ޕޭޖުތައް ހިންގާ ފަރާތްތަކުން މި ވީޑިއޯ އެއްވެސް ސިފައެއްގައި އަލުން ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިހާރު ހިއްސާކޮށްފައިވާ ވީޑިއޯތައް ވެސް އާންމުންނަށް ނުފެންނާނެހެން ނެގުމަށް ބާރުއަޅައި ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

