ޏ. ފުވައްމުލައް، ދޫޑިގަން، ދުންފިނިގެ، ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ. އޭނާގެ ޚަބަރެއް އާއިލާއަށް ނުވާތާ މިހާރު ވަނީ ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ވެފައެވެ.
މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތްކުރާ ޢަބްދުލްޢަޒީޒުގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ. އަދި އޭނާ އެންމެ ފަހުން އާއިލާގެ މީހަކަށް ފެނިފައިވަނީ 2025 ނޮވެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
ޢަބްދުލްޢަޒީޒު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ކަމާބެހޭ އެންމެހައި އިދާރާތަކަށް އެ މަޢުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވެއެވެ.
ވީމާ، ޢަބްދުލްޢަޒީޒު މުޙައްމަދުއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ފުވައްމުލައް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި އެ މަޢުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

