މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާގެ ގޮތުގައި ހިމެނޭ މަސްދަޅު ކޭސްތައް އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަދުގެ ރާއްޖެ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްގަފޫރު ވިދާޅުވީ، އިއްޔެއިން ފެށިގެން އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ މަސްދަޅު ކޭސްތައް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސައި، އެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. ރަށްރަށަށް މި ތަކެތި ފޮނުވުމުން، ރައްޔިތުންނަށް ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުންނެވެ.
މިއަހަރުގެ ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލާފައިވާ ގޭބިސީތަކުގެ ލިސްޓަށް ބަލާއިރު، އަތޮޅުތެރޭގެ ރަށްތަކާއި ސިޓީތަކުގައި ޖުމްލަ 56,918 ގޭބިސީ ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި 61,755 ޑޮމެސްޓިކް މީޓަރު ހިމެނޭއިރު، މުޅި ރާއްޖެއިން ޖުމްލަ 118,673 މަސްދަޅު ކޭސް ބެހުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން ނިންމާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސްތައް ބަހައި ނިންމުމަށެވެ. މި ތަކެތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 20:30 އިން 23:00 އަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރޯދަ މަހުގެ ތަކުލީފުތައް ކުޑަކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

