ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް މާލޭ ވިޔަފާރި ބަނދަރަށް އެއްފަހަރާ ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުފަހަރު އައުމާ ގުޅިގެން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވީ ނަމަވެސް، މުދާ ބޭލުމުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދީފިއެވެ.
އެމްޕީއެލް އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދުގެ މެންދުރު 12:00 އާ ހަމައަށް ކޮންޓޭނަރ އުފުލާ 7 އުޅަނދު ވަނީ ބަނދަރަށް ކޯލްކޮށްފައެވެ. މި އުޅަނދުތަކުން ބޭލުމަށް ޖުމްލަ 3,901 ޓީ.އީ.ޔޫ ހުރިއިރު، އެމްޕީއެލްގެ އޮޕަރޭޝަންސް ޓީމުތަކުން ކުރި ބުރަ މަސައްކަތުން މިހާރު ނުބޭލި ހުރީ 1,250 ޓީ.އީ.ޔޫ އެވެ. އަދި ލޯޑްކުރުމަށް ހުރި 2,700 ޓީ.އީ.ޔޫގެ ތެރެއިން މިހާރު ބާކީ ހުރީ 1,118 ޓީ.އީ.ޔޫ އެވެ.
މާލޭ ސަރަހައްދުގެ ކޮންޓޭނަރ ޓަރމިނަލްތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 2,750 ޓީ.އީ.ޔޫ ކަމަށްވީ ނަމަވެސް، މިވަގުތުވެސް ޓަރމިނަލްތަކުގައި 5,338 ޓީ.އީ.ޔޫ އެބަހުއްޓެވެ. މިއީ ކެޕޭސިޓީއަށްވުރެ ބޮޑު އަދަދެއްކަން ފާހަގަކުރަމުން އެމްޕީއެލް އިން ބުނީ، މިފަދަ ދުވަސްވަރު މުދާ ބޭލުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންނަމަވެސް، ޕެރިޝަބަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ ބާވަތްތަކުގެ މުދާ ބޭލުމުގެ މަސައްކަތްވެސް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިވަގުތުވެސް މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓޭނަރ އުފުލާ ބޯޓުފަހަރާއި ޕެރިޝަބަލް މުދާ އުފުލާ ބޯޓުފަހަރު ހިމެނޭހެން ޖުމްލަ 8 އުޅަނދެއް އެބައޮތެވެ. މީގެ ތެރެއިން 12 ޖަނަވަރީން ފެށިގެން އައި އުޅަނދުތަކުގެ ތެރެއިން މިހާރު ހުސްނުކުރެވި އޮތީ އެންމެ ދެ އުޅަނދެވެ.
ޖާގައިގެ ދަތިކަމާއެކުވެސް ވިޔަފާރިވެރިންނާއި، ޝިޕިންގ އޭޖެންޓުން އަދި ކްލިއަރިންގ އޭޖެންޓުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެމްޕީއެލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، އޮޕަރޭޝަންސް ޓީމުތަކުން ކެނޑިނޭޅި މަސައްކަތްކޮށް، ވީހާވެސް އަވަހަށް މުދާ ބޭލުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

