ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ ފަސް މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫއުތައް ފެށުމަށް މިއަދު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އާއި ބީއެމްއެލްގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫއަކީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސިޔާސަތުގެ ދަށުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އަމާޒުތައް ހާސިލްކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި ޖުމްލަ 3,200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމްއެމްއޭގެ ހާއްސަ ގަވަނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށްގެންދިޔަ އިވެލުއޭޝަން މަރުހަލާއިން ހޮވުނު ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަމީން ކޮންސްޓްރަކްޝަން، އެފްޑަބްލިއު ކޮންސްޓްރަކްޝަން، އަދި އާރްސީސީ ހިމެނެއެވެ. ބޭރުގެ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަނެވެ.

ބީއެމްއެލް އިން އަޅާ ފްލެޓުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގެ ތެެރެއިން. (ފޮޓޯ/ބީއެމްއެލް)
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުއްޠަލިބު ވިދާޅުވީ، "މިއީ ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި މަސައްކަތް ފަށައި، ނިންމައި، އަދި ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ފުރަތަމަ ހައުސިންގ މަޝްރޫއަށް ވެގެންދާނެ" ކަމަށެވެ. މި ޔުނިޓްތަކަކީ ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރެވޭނެ ތަންތަންކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ބޭންކުން އަބަދުވެސް ކޮންސްޓްރަކްޝަން ދާއިރާއަށް ބޮޑު އިސްކަމެއްދެއެވެ. އެގޮތުން މިދިޔަ އަހަރުގެ ނިޔަލަށް މި ސެކްޓަރަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 5.4 ބިލިޔަން ރުފިޔާއަށް އަރައެވެ. މިހާރު ފެށިފައިވާ މި ހައުސިންގ މަޝްރޫޢުތައް 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ބޭންކުން ލަފާކުރެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބްގެ އިތުރުން ސަރުކާރާއި ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ބޭންކުން ސިފަކުރެއެވެ.

