ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 1,857 ކެންޑިޑޭޓުންގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ. މިދިޔަ 10 ދުވަހުގެ ތެރޭގައި ޖުމްލަ 2,254 ފޯމު ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް ވާދަކުރުމަށް ހުށަހެޅި 1,276 ފޯމާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހެޅި 978 ފޯމެވެ.
ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުގެ ތެރެއިން ގިނަ ބައެއްގެ ޝަރުތު ފުރިހަމަވެފައިވާއިރު، ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި ބައެއް ފަރާތްތަކުން ވަނީ އަލުން ފޯމު ހުށަހަޅާފައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޕާޓީތަކުން ހުށަހެޅި 795 ފޯމުގެ ތެރެއިން 692 މީހުންގެ ޝަރުތު ހަމަވާއިރު، އަމިއްލަ ގޮތުން ވާދަކުރާ 183 މީހުންގެ ތެރެއިން 125 މީހެއްގެ ޝަރުތު ވަނީ ފުރިހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި ކެންޑިޑެސީ ބަލައިނުގަތުމުގެ މައިގަނޑު ސަބަބުތަކަކީ ކުށާއި ދަރަނީގެ ރެކޯޑުތައް ފުރިހަމައަށް ހުށަހަޅާފައި ނެތުމާއި، ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް މަދުވުމެވެ. މި މައްސަލަތައް ދިމާވި ބައެއް ފަރާތްތަކުން މިހާރު ވަނީ އެކަންކަން އިސްލާހުކޮށް އަލުން ފޯމު ހުށަހަޅަން ފަށާފައެވެ.
މި އިންތިޚާބުތަކުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޑިޖިޓަލްކޮށެވެ. އެގޮތުން ކޮމިޝަންގެ މައި ޕޯޓަލް ނުވަތަ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

