މާލޭން ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދިޔަ ޏ. ފުވައްމުލައް، ދޫޑިގަން، ދުންފިނިގެ، ޢަބްދުލްޢަޒީޒު މުޙައްމަދު (64އ) ފެނިފައިވާ ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ހެނދުނު ފޭސްބުކް ގައި އިއްޔެގެ ހަބަރުގެ އަދާހަމަ ދެމުން ބުނީ، އަބްދުލްއަޒީޒު އޭނާގެ އާއިލާއަށް އަދި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާގެ މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އޭނާ މިވަގުތު ހުރީ ތިލަފުށީގައި ކަމަށާއި، ހާލު ރަނގަޅު ކަމަށް ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މުދާ އުފުލާ ދޯނިފަހަރުގައި މަސައްކަތް ކުރާ އަބްދުލްއަޒީޒުގެ ޚަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން މީގެ ކުރިން ބުނެފައިވެއެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވެއެވެ.
އަބްދުލްއަޒީޒު ގެއްލިގެން ހޯދުމަށް ފުލުހުން އޭނާގެ ފޮޓޯއާއި ތަފްސީލު އާންމުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ ފެނިފައިވާތީ، އޭނާ ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

