ގެމަނަފުށީގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގެމަނަފުށީގައި ތަރައްގީކުރާ މި މިސްކިތުގެ މަސައްކަތަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.
މިސްކިތުގެ އަމަލީ މަސައްކަތްތަކާ ގުޅޭގޮތުން އާރުޑީސީން ބުނީ، މިހާރު ކުރިއަށްދަނީ ޝަޓަރިންގ ފޯމްވޯކްގެ މަސައްކަތްތައް ކަމަށެވެ. މީގެ އިތުރުން، މިސްކިތުގެ ތަނބުތައް ޖެހުމުގެ މަސައްކަތްވެސް މިހާރު ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި މަޝްރޫއު ނިމުމުން ގެމަނަފުށީގެ ރައްޔިތުންނަށް ނަމާދުކުރުމަށް ޒަމާނީ ފެންވަރުގެ ޖާގަ ތަނަވަސް މިސްކިތެއް ލިބިގެންދާނެއެވެ. އާރުޑީސީން ދަނީ ރަށްރަށުގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

