ތ. ގުރައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ފެށުމުގެ ގޮތުން ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ. މި މަޝްރޫޢަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
އާރުޑީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ގުރައިދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސާވޭގެ މަސައްކަތްތައް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. މި ސާވޭގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އާރުޑީސީގެ މާލޭ ޓީމަކުން ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމާ ގުޅޭގޮތުން އާރުޑީސީއިން ބުނީ، މިހާރު ކުރިއަށްދާ ސާވޭގެ މަސައްކަތްތައް ނިމުނުހާ އަވަހަކަށް މަގު ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެށި މަޝްރޫޢެކެވެ.
އާރުޑީސީއިން މީގެ ކުރިން ވަނީ، ގުރައިދޫގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު އެ ރަށަށް ފޮނުވާފައެވެ.

