ނ. ފޮއްދޫގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ މަސައްކަތުގެ ތެރެއިން، ފައުންޑޭޝަން ކޮންކްރީޓް ކާސްޓިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، ފޮއްދޫ ސިއްހީ މަރުކަޒުގެ ފައުންޑޭޝަން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ކާސްޓިންގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާއިރު، މިހާރު މި މަސައްކަތުގެ 95 އިންސައްތަ ވަނީ ނިމިފައެވެ. މިއީ އެ ރަށުގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ފޮއްދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.
މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 26.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި އާ އިމާރާތް ނިމުމުން ފޮއްދޫގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އަދި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

