މޯލްޑިވްސް އެއާޕޯޓުސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން، ލޭ ހަދިޔާކުރުމަށް މީހުން ހޭލުންތެރިކުރުވުމުގެ ހާއްސަ ސެޝަނެއް މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.
އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސެޝަނަކީ “ވީއައިއޭ ބްލަޑް ޑޮނޭޝަން ކޭމްޕް2026” އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މިއީ މުޖުތަމައުގެ ދުޅަހެޔޮކަމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަމުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ވީހާވެސް ގިނަ ބަޔަކު ލޭ ހަދިޔާކޮށްގެން ފުރާނަ ސަލާމަތްކުރުމަށް ބާރުއެޅުމެވެ. “އަޅުގަނޑުމެންގެ އަމާޒަކީ ހޭލުންތެރިކަން އިތުރުކޮށް، ގިނަ ބަޔަކު ލޭ ހަދިޔާކުރުމަށް ޝައުގުވެރިކުރުވައި، ގިނަ ފުރާނަތަކެއް ސަލާމަތްކުރުމަށް މަގުފަހިކުރުން،” އެމްއޭސީއެލްގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ ރާއްޖޭގައި ލޭ ބޭނުންވާ މިންވަރަށް ލޭ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެހީތެރިވެދޭނެ މުހިންމު މަސައްކަތްތަކެކެވެ.

