މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެ ކުންފުނީގެ ސުޕަވައިޒަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ލީޑަރޝިޕް އެސެންޝަލްސް ފޯ ސުޕަވައިޒާސް" ޕްރޮގްރާމްގެ ފުރަތަމަ ބުރު މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ އެމްއޭސީއެލްގެ މި ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި އެ ކުންފުނީގެ އެކި ދާއިރާތަކުން ޖުމްލަ 22 މުވައްޒަފުން ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
މި ޕްރޮގްރާމަކީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް މުޙައްމަދު ޝަރީފްގެ އިސްނެންގެވުމުގެ މަތިން، ކުންފުނީގެ ހުރިހާ ސުޕަވައިޒަރީ ލެވެލްގެ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ. މިއީ ކުންފުނީގެ އޮޕަރޭޝަނަލް އެފިޝަންސީ ނުވަތަ މަސައްކަތުގެ ހިންގުންތެރިކަން ހަރުދަނާކުރުމަށް އެމްއޭސީއެލްއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް މުޙައްމަދު ޝަރީފެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް (އެޗްއާރް) ސެކްޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލްއިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ސަބަބުން ސުޕަވައިޒަރުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީވެ، ކުންފުނީގެ ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.

