ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭ މަހު ލިމިޓް، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޮޑުކުރުމަށް ނިންމައިފިއެވެ. މިއީ ޑޮލަރު ލިމިޓް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވޭ މުހިންމު ބަދަލެކެވެ.
މި ބަދަލާއެކު ބޭންކުން ދޫކޮށްފައިވާ އެކި ފަންތީގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1,400 ޑޮލަރަށް ބޮޑުވާއިރު، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1,500 ޑޮލަރަށް ބޮޑުވާނެއެވެ. އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1,500 ޑޮލަރުން 3,000 ޑޮލަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކުން ބުނިގޮތުގައި މި ލިމިޓްތަކަކީ ޑެބިޓް ކާޑަށް މިހާރު ދީފައިވާ ލިމިޓުގެ އިތުރުން ކްރެޑިޓް ކާޑަށް ކަނޑައެޅޭ ވަކި ލިމިޓްތަކެކެވެ. ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރާނެކަން އެންމެ ފުރަތަމަ ހާމަކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
ކްރެޑިޓް ކާޑުގެ އިތުރުން، ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ ލިމިޓް 1,000 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން އެއާލައިން ޓިކެޓާއި ހޮޓާ ފަދަ ކަންކަމަށް 3,000 ޑޮލަރާ ހަމައަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
ބޭސްފަރުވާގެ ކަންކަމަށް ބޭރަށްދާ ފަރާތްތަކަށް ލުއިދިނުމުގެ ގޮތުން، ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމުގައިވެސް ބޭންކުން ވަނީ ހާއްސަ ލުއިތަކެއް ދީފައެވެ. މި ހުރިހާ ބަދަލުތަކަކީވެސް އާންމު ރައްޔިތުންނަށް ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރާއި ބޭންކު ގުޅިގެން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

